ނަފްސާނީ މައްސަލަތަކުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް "ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ"އެއް މިއަދު އިފްތިތާހުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ހަފްލާގައި މި ސްޓްރެޓަޖީ އިފްތިތާހްކޮށްދެއްވީ ޑިރެކްޓަ ޖެނަރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފްއެވެ. މި ހަފްލާގައި އެ ވުޒާރާ އަދި ޑަބްލިއުއެޗްއޯ ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ސްޓްރެޓެޖީގެ މަގްސަދަކީ ނަފްސާނީ މައްސަލަތަކުގައި މަރުވާ މީހުންގެ ރޭޓް، ތިންބައިކުޅަ އެއްބައި މަދުކުރުމެވެ. އަދި އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމާއި ނަފުސާނީ ސިއްހަތުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސްކޮށް ނާޒުކު ހާލަތުގައި ތިބި މީހުން ދެނެގަތުމާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުމާއި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން ފަދަ މުހިންމު ކަންތައް ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ނަފުސާނީ ބަލިތަކާ ގުޅިގެން އަމިއްލައަށް މަރުވުމަކީ ދުނިޔޭގެ ސިއްހަތަށް ބޮޑު ކަންބޮޑުވުމެކެވެ. ކޮންމެ އަހަރަކު 720,000 އަށް ވުރެ ގިނަ މީހުން އަމިއްލައަށް މަރުވާކަމަށާއި، މިއީ އެޗްއައިވީ/އެއިޑްސް، ހިމަބިހި، އަދި އުރަމަތީގެ ކެންސަރު ފަދަ ބަލިތަކުން މަރުވާ މީހުންގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ.
ރާއްޖޭގައި ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ގެވެށި އަނިޔާ ލިބުނު އަންހެނުންގެ ތެރެއިން 18.7 އިންސައްތަ އަންހެނުންނަށް އަމިއްލައަށް މަރުވުމުގެ ހިޔާލު އައިސްފައިވާ އިރު، 14 އިންސައްތަ އަންހެނުން ވަނީ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައެވެ. އަދި ކޮންމެ 20 މީހުންގެ ތެރެއިން އެކަކަށް އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލު އުފެދޭކަން ފާހަގަކުރެވެއެވެ.
މުޖުތަމައުގެ ހާލަތު ބަދަލުވުމާއި، ތައުލީމީ ފެންވަރު ދަށްވުން، ފައިސާގެ ދަތިކަން، ޖިންސީ ގޯނާ، ގެވެށި އަނިޔާ، އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކު ނަފުސާނީ ބަލިތަކަށް ހުށަހެޅިފައިވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ބަލިތައް ދެ ގުނައަށް އިތުރުވެ، ޑިޕްރެޝަނާއި ހާސްކަން، އަމިއްލަ ނަފްސަށް ގެއްލުން ދިނުން އަދި އަމިއްލައަށް މަރުވުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ދިވެހިރާއްޖޭގައި ނަފްސާނީ ބައްޔާ ގުޅިގެން އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވެ، މިއީ ގައުމީ ފެންވަރުގައި ސަމާލުކަންދޭން ޖެހޭ ކަންބޮޑުވުމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިކަމާ ގުޅިފައިވާ ނޭދެވޭ ހިޔާލުތަކާއި ސްޓިގްމާގެ ސަބަބުން އެހީ ހޯދުމަށް ހުރަސްއެޅި، ނަފްސާނީ ބަލިމީހުންނަށް މުޖުތަމައާއި ޢާއިލާތަކުން ނުރުހުމާއި ބަދުބަސް ރައްދުވެއެވެ.
މިކަން ހުއްޓުވުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީއެއްގައި ހިމެނެނީ އަމިއްލައަށް މަރުވުން ހުއްޓުވުމުގެ ސިޔާސަތުތައް ބައްޓަންކުރުން، އިޖްތިމާއީ ހުނަރު ދަސްކޮށްދިނުން، ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފަސޭހަކުރުން، ނާޒުކު ފަރާތްތައް ދެނެގަނެ ވަގުތުން އެހީދިނުން، ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުން އަދި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން ފަދަ މުހިންމު ކަންތައްތަކެވެ.