އިދިކޮޅު އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ އެއްވުމުގެ ބައިވެރިއަކު ޑިއުޓީގައި ހުރި ފުލުހެއްގެ ޝީލްޑެއް ގަދަކަމުން އަތުލުމުން މިއީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ އެއްވުން ފެށީ މިރޭ 8:30 ހާއިރު "ލޫޓުވައިފި" ނަމުގައި އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.
އެއްވުމުގެ ބައިވެރިން ހުއްޓުވަން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދާން އާންމުންނަށް އަންގައިފަ އެވެ. ނަމަވެސް އެ ސަރަހައްދު ދޫނުކޮށް އާންމުންގެ ގިނަ ބަޔަކު އަދިވެސް އެ ސަރަހައްދުގައި އަންނަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ.