ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މުޙައްމަދު ރިޒްވީ ޙަސަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި މިއަދު މެންދުރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި، ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.
ސްރީލަންކާގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރި އާއި އިޤްތިޞާދާއި، މޫސުމީ ބަދަލު ފަދަ، ދެ ޤައުމުން މަޞްލަޙަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމުގައި ކުރެވިދާނޭ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.