ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން މަސައްކަތްތެރިކަމުގެ ތަޢުލީމު އުނގެނެން ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވޮކޭޝަނަލް ހައި ސްކޫލެއް ހުޅުުވުމަށް ތައްޔާރުވެއްޖެއެވެ.
"މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމް.ވީ.އެޗް.އެސް)" ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ ސްކޫލާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ, ސާނަވީ ތަޢުލީމު ނިންމުމަށްފަހު ދަރިވަރުންނަށް ކިޔެވުން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މި ސްކޫލުގައި ހިންގާ ޚާއްޞަ ކޯސްތަކުގައި ބައިވެރިވެވޭނެކަމަށެވެ. އެގޮތުން މިހާރު ވަނީ 10 ކޯހެއްގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލާފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ވޮކޭޝަނަލް ޕާތްވޭއިން ކިޔަވާ ނިންމާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި, މީގެ ސަބަބުން ދަރިވަރުންގެ ޤާބިލުކަމާއި, ހުނަރާ ހުރި ދާއިރާއަކުން ކުރިއަށް ދިޔުމުގެ މަގުފަހިވެގެން ދާނެކަމަށެވެ. އަދި ކޯސް ނިންމުމަށް ފަހު ވަޒީފާއަކަށް ދިއުމަށް އިހުތިޔާރުކުރާ ނަމަ އެ ފުރުޞަތު ލިބިގެންދާނެ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
''ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަމެއް'' ޑޮކްޓަރ އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.
އެމް.ވީ.އެޗް.އެސްގައި ވޮކޭޝަނަލް ޕާތްވޭއަށް މަތީ ސާނަވީ ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާ އިރު, އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 10 އޮކްޓޫބަރު 2025 އެވެ.