އެއްވެސް ހުކުމެއް ކުރަން ސަރުކާރުން ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ކޯޓުތަކަށް ނޯންނާނެ ކަމަށާއި އެގޮތުން އެއްވެސް ހުކުމެއް ކުރަން އަދި ނުކުރަން ވެސް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ މިހާރަކު އެއްވެސް ހުކުމެއް ކުރާކަށް، ނުކުރާކަށް ވެސް. އަޅުގަނޑުމެން މި ދަންނަވަނީ އިންސާފުވެރިކޮށް ކުރިއަށްގެންދާށޭ. އަދުލުވެރިކޮށް ކުރިއަށްގެންދާށޭ. ސަރުކާރުން ކަންކަން ފެސިލިޓޭޓްކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުން އޮތީ ޖޭއެސްސީގެ ތެރެއަށް ހުރިހާ ބާރެއް ގެންގޮސް ކޯޓުތަކުގައި ތަޅު އަޅުވާފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަށްފަހު، ކޯޓުތަކަށް ހަގީގަތުގައި ދޭންޖެހޭ ބާރުތައް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އަންނަ އަހަރު ޖުޑިޝަރީއަށްދޭ ބަޖެޓް ވެސް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ޖުޑިޝަރީއަށް އޮތީ 560 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަންނަ އަހަރު އެ އަދަދު 660 މިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ބޭނުން ވަނީ މިނިވަންކަމާއެކު ފުރިހަމަ އަށް ހިނގާ ބާރަކަށް ހެދުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.