ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީއަށް ހޯދި ބައެއް ސިއްރު މައުލޫމާތުތައް ލީކުވުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އިންކުއަރީ ރިޕޯޓު އެމަޖިލީހުގެ ރަސްމީ ވެބްސައިޓުގައި އާންމު ކުރީ ސިއްރު މައުލޫމާތުތައް ކަޅު ކުލައިން ފޮރުވުމަށްފަހު އެވެ. އެހެންނަަމަވެސް އެ ޕީޑީއެފް ފައިލް ޑައުންލޯޑުކޮށް ވޯޑަށް ބަދަލުކުރުމުން ސިއްރުކުރި ލިޔުންތަން ފެނެ އެވެ. މިކަން އެނގި މަޖިލީހުގެ ވެބްސައިޓުން އެ ރިޕޯޓު ނެގި އެވެ. ފަހުން ވެބްސައިޓުގައި އާންމުކުރީ އެ މައުލޫމާތުތައް ވޯޑަށް ބަދަލު ކުރިޔަސް ނުފެންނަގޮތަށް ހެދުމަށްފަހު އެވެ. އޭރު ސިއްރު މައުލޫމާތުތައް އިންޓަނެޓުގައި ދިޔައީ އާންމު ކުރަމުންނެވެ.
މަޖިލީހުން އާންމު ކުރި ރިޕޯޓުގައި މައުލޫމާތުތަކެއް ސިއްރު ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ އެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ސެކިއުރިޓީ ފޯރުކޮށްދޭ ގޮތާއި އިންޓެލް މައުލޫމާތެއް ލިބުމުން އަމަލުކުރަންޖެހޭ ގޮތް ފަދަ މުހިންމު ކަންކަމުގެ ތަފްސީލު ހިމެނެ އެވެ. މިއީ ނުރައްކާތެރި ހަަމަލާއެއް ރާވާ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނެގިދާނެފަދަ މައުލޫމާތުތަކެކެވެ.
މިމައުލޫމާތުތައް މަޖިލީހުން ލީކު ކުރުމާއި ގުޅިގެން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅު ކުރެއްވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ އެވެ. އޭނާ ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ނުދޭންވީ، މިހާތަނަށް އެ މަޖިލީހަށް އެއްވެސް ސިއްރެއް ހިފެހެއްޓިފައި ނެތުމުން ކަމަށެވެ. އަދި ހާއްސަކޮށް ފުލުހުންގެ ތަހުގީގު ނުނިމެނީސް ނަޝީދުގެ ކޭސްއާއި ގުޅުންހުރި މިފަދަ މުހިންމު މައުލޫމާތުތަކެއް އާންމު ކުރުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންވެސް ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ދިޔައިރުވެސް ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތައް އާންމު ނުކުރަން މަޝްވަރާވެސް ކުރެވުނު ކަމަށާއި އޭގެ ފަހުންވެސް އެ މައުލޫމާތުތައް ލީކުވުމުން މަޖިލީހުގެ މަސައްކަތުގެ ހަރުދަނާ ކަމާއިމެދު ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.
ގައުމުގެ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތައް ވަކި ވަކި ފުލުހުން ހާޒިރުކޮށް ކޮމިޓީން އެއްކުރާތީ އެމްއެންޑީއެފްއިން މީގެ ކުރިން ކަންބޮޑުވުން ފާޅު ކުރި އެވެ. އެއާއިއެކުވެސް ކޮމިޓީން ދޫ ނުކުރުމުން އެމްއެންޑީއެފްގެ ބޭފުޅުން މަޖިލީހަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.
އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ދެމުން ދަނިކޮށް ބޮމެއް ގޮއްވާލައި ހާލަތު ސީރިއަސް ވާވަރުގެ ހަމަލާއެއް ރައީސް ނަޝީދަށް ދިންއިރު މި ހަމަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހުމާލު އޮތްކަން އިންކުއަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ފުލުހުންގެ މުއައްސަސާގެ ތަހުގީގުގެ ލަސްކަން ފާހަގަކޮށް އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ ނަޝީދަށް ހަމަލާ ދީ އެކަން ރާވާފައިވަނީ ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ނަމަވެސް އެކަމުގެ މޯޓިވް އާއި ފަންޑުކުރި މީހުން ދެނެގަނެވިފައި ނުވާކަމަށެވެ.