ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.
ލ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް އެވެ.
އެމްއޭސީއެލްއާ ހަވާލުކުރީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ.
ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ރައީސް ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 2،800 މީޓަރުގެ ދިގު ރަންވޭއެއް ހެދިގެންދާނެ ކަމަށެވެ.