މޫނު ނިވާކޮށްގެން ތިބި ބަޔަކު ފަތިހު އެއާޕޯޓުން ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ތަހުގީގުގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކުރައްވާ ތަހުގީގުގައި ހޯދި އަވަސް ކުރިއެރުންތަކަށް ތައުރީފުކުރައްވާފައެވެ.
ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.
އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިއަދު ފަތިހު 4:45 އެހާކަންހާއިރެވެ.
ފުލުހުން މީގެ ކުރިން ބުނީ، އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.








