ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރެއްވި މަންދޫބު މަހުމޫދު އައްބާސް ފާއިޒު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރި ނަމަވެސް އިތުރު ތަފްސީލެއް ޑިފެންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އައްބާސް ފާއިޒު މީގެ ކުރިން ވަނީ މަޖިލީހުގެ އިދާރާގައި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާވެސް ބައްދަލުކުރައްވައިފަ އެވެ.
އައްބާސް ފާއިޒު ތަހުގީގުގައި ބައިވެރިވެވަޑައިގަންނަވާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދެއްގެ ތެރެއިންނެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ދެވަނަ ދުވަހު އެވެ.
އައްބާސް ފާއިޒުގެ މައިގަނޑު މަސްއޫލިއްޔަތަކީ އިރުޝާދު ދެއްވުމުގެ އިތުރުން ތަހުގީގުގެ އެކި ކަންކަމާއި ގުޅޭ ރިޕޯޓު ތައްޔާރު ކުރެއްވުމެވެ.