އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
2026ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.
މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
2026 ވަނަ އަހަރުގެ ބަޖެޓްގައި ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެކަމަށް އަންދާޒާކޮށްފައެވެ. މީގެ އިތުރުން، މިއަހަރުގެ ތެރޭގައި މުދަލުގެ އިމްޕޯޓުތަކަށް އައި ކުރިއެރުމަށް ބިނާކޮށް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރިއަރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާއަތް ދަށްވިނަމަވެސް، މި އަހަރު މި ސިނާއަތް ކުރިއަރާނެކަމަށް އަންދާޒާކުރެވޭ.
2026 ވަނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވާއިރު 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކޮށްފައިވެއެވެ.
އަދި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ޚަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓްއިން ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. ރާއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ.








