އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
“އެކުރެވި ފުލުހުން” ނަމުގައި މުޅި ރާއްޖެގައި ކުރިއަށް ގެންދާ މި ޙަރަކާތަކީ، ސައިބަރ އެވެއާނެސް މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ބަޔަކު މި ސެޝަންގައި ބައިވެރިކުރުމުގެ ގޮތުން ގޫގަލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާއިރު، މި ސެޝަންގައި ހިއްސާކުރި މައުލޫމާތު އިޝާރާތްބަހުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ގަލޮޅު ޕޮލިސް ނެއިބަހުޑް އިން އިންތިޒާމުކޮށްގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރ 28 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ފްރަންޓްލައިން ޕޮލިސްގެ ހުރިހާ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ސައިބަރ ކްރައިމް ސެންޓަރާއި ސްކޭމް ސެންޓަރާއި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންނެވެ.
މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރުމުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ކާކުކަން ނޭނގޭ މީހުންނަށް ޒާތީ މަޢުލޫމާތު ޙިއްސާނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް އިލްތިމާޒްކޮށްފައިވެއެވެ.
އަދި އޮންލައިން މެދުވެރިކޮށް ފައިސާގެ މުޢާމަލާތްކުރާނަމަ ކާކުކަން ޔަގީންކޮށްފައި ނޫނީ އެ މުޢާމަލާތެއް ނުކުރުމަށާއި، ސްކޭމްގެ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާޒްކޮށްފައި ވެއެވެ. އަދި ބޭންކް އެކައުންޓާއި ކޭޝްކާޑުގެ މަޢުލޫމާތާއި އޯޓީޕީ ޙިއްސާނުކުރުމަށް ވެސް އިލްތިމާޒްކޮށްފައި ވެއެވެ.
މީގެ އިތުރުން މީސް މީޑިއާގައި ބޭނުންކުރާ އެކައުންޓުތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް މަޢުލޫމާތު ދީފައި ވާއިރު، އެ ކަންކަން ކުރާނެ ގޮތްތައްވެސް ވަނީ ދަސްކޮށްދީފަ އެވެ.








