ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތުގެ ބާވަތްތައް މަަނާކުރުމަށް ނިންމި ނިންމުމަކީ ކުރިއަށް އަންނާން ތިބި ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓުމެންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ސާޖިދާ މުޙާއްމަދު ވިދާޅުވެއްޖެއެވެ.
މިއަދުން ފެށިގެން ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުމާއި ގުޅިގެން ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ މިއަދު އެޅިގެންދާ ފިޔަވަޅަކީ ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ވާސިލުވުމަށް އެޅިގެންދާ ތާރީހީ ފިޔަވަޅެއް ކަމަށެވެ. ދުންފަތުގެ ބާވަތްތައް ޖެެނަރޭޝަނަަލް ބޭންއެއް ތަންފީޒުކުރީތީ، ސިއްހީ ދާއިރާގެ ރަނގަޅު ފިޔަވަޅުތަކަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ސާޖިދާވަނީ ސަރުކާރުގެ ނިންމުމަށް މަރުހަަބާ ވިދާޅުވެފައެވެ.
ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ޖެނެރޭޝަަނަލް ބޭންއަކީ އަންނާން ހުރި ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުގައި އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި މި ފިޔަވަޅަކީ ހެކީގެ މައްޗަށް ބިނާކޮށް އެޅިގެންދާ ވަރުގަދަ ފިޔަަވަޅެއް ކަމުގައި ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ހުށަހަޅައިގެން ދުންފަތާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހު އަދި އޭގެ ފަހުން އުފަންވި އެންމެނަށް ދުންފަތް ބޭނުންކުރުމާއި އޭގެ މުއާމަލާތްކުރުން މަނާވާނެއެވެ.
އެކަމަނާ ސިފަކުރެއްވި ގޮތުގައި ސަރުކާރުން މިއަދު ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ރާއްޖެއަށް މުހިއްމު ތާރީހީ ހިނދުކޮޅެކެވެ.








