މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ އެވެ. އެ ޒުވާނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހާދިސާގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީއަކު ވެސް ނިޔާވެފައިވެ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 3:44 ހާއިރު އެވެ.








