ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ހަނިމާދޫ އެއާޕޯޓު ސަރަހައްދުގައި މިރޭ ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މި އެއާޕޯޓް ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ހާއްސަ މަންދޫބު އަދި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ޝްރީ ކިންޖަރަފު ރާމު މޯހަން ނައިޑޫއެވެ.
ރަސްމިއްޔާތު ފެށުމުގެ ކުރިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ވަނީ ޖައްސާފައެވެ. އެއީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެކެވެ.
މި އެއާޕޯޓް ތަރައްގީކޮށްފައި ވަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ވަނީ 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކޮށްފަ އެވެ. 2،465 މީޓަރުގެ ރަންވޭއެއް އޮންނަ މި އެއާޕޯޓުގައި އެއިރޯ ބޮޑީގެ ހުރިހާ ބާވަތެއްގެ މަތިންދާބޯޓު ޖެއްސޭނެ އެވެ. އަދި މި އެއާޕޯޓުގައި އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ 10،308 މީޓަރުގެ ބޮޑު ޓާމިނަލް ހިމެނެ އެވެ.








