އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އޭސީޕީ) އަހްމަދު ޝިފާންގެ މައްޗަށް ތުހުމަތުތަކެއްކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައި އެ މައްސަލަ ލީކްކޮށްލުމުން އޭނަ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސީޕީ އިސްމާއީލް ނަވީހަށް ސިޓީއެެއް ފޮނުއްވައިފި އެވެ.
މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އަށް ހުށަހަޅާފައިވާ ސިޓީއެއްގައި ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ އަންހެން މުވަައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވަމުން ދިޔަ ކަމަށާއި ބައެއް އަންހެން މުވައްޒަފުންނާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އަދި މަގާމުގެ ނުފޫޒުން ބައެއް ފުލުހުން ފްރޭމްކުރަން އުޅުމާއި ނުފޫޒުން ބައެއް ކަންކަން ކުރުން ފަދަ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ޝިފާންގެ މައްޗަށް 11 ފުލުހަކު ފޮނުވި ސިޓީގައި ކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ޝިފާން ސީޕީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑް ޕީއެސްސީ) ގައި އޭނައާ ގުޅޭ ގޮތުން ރެކޯޑްކޮށްފައިވާ ޒާތީ މައުލޫމާތަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި އެކަންކުރީ އެސިސްޓެންޓް ކޮމިޝަނަރަކު ކަމަށް އޭނާ ތުހުމަތުކޮށްގައިވެ އެވެ.
ޕީއެސްސީގައި ހިމެނޭ އޭނަގެ ރެކޯޑަށް ބަދަލު ގެނެސްފައިވާތީ މިދިޔަ މެއި މަހު 29 ވަނަ ދުވަހު އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ޝިފާން ވިދާޅުވެފައިވެ އެވެ.
"ހަމަމިއާ އެކު، އަޅުގަނޑާ ބެހޭ ގޮތުން ޕީއެސްސީގެ ނިޒާމުގައި ރައްކާކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތައް މައުލޫމާތެއް، ބައެއް ރަސްމީ އިދާރާތަކާއި ބައެއް ނޫސްތަކަށް، މި ނިޒާމު އެކްސެސް އޮތް ފަރާތަކުން 8 ނޮވެމްބަރުގައި ހިއްސާކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި އެވެ." ސިޓީގައިވެ އެވެ.








