މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓްރޭޑްމާކް ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒ އިއްޔެ ތަސްދީގުކުރައްވައިފި އެވެ.
މި ބިލުން ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށް ދިނުމާއި ގުޅޭ ނިޒާމެއް ޤާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކުގެ ދާއިރާ ބަޔާން ކުރެވި، ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެ އެވެ.
ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓް ކުރެވޭ ޙާލަތުގައި އެޅޭނެ ފިޔަވަޅުތަކާއި، މާރކް ކައުންޓަފީޓް ކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައިވެ އެވެ.
މި ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް، މި ބިލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވެއެވެ. އަދި، ބިލުގެ ދަށުން ހަދަން ޖެހޭ އެންމެހާ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ޓްރޭޑްމާކް ބިލް ތަސްދީގު ކުރުމުން މިހާރު ގާނޫނަކަށްވެފައިވާތީ އެއަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢު ކުރާތާ 12 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.








