ހިޔާ ފްލެޓްތައް ނިންމުމާއި، ވިނަރެސް ފެލްޓް ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދަންނަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކްއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން، ހިޔާ ފްލެޓް ތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ކުރެވިދާނެކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި،". ރައީސް ވިދާޅުވެފައި ވެއެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެއަހަރުގެ ޑިސެމްބަރ 5 ވަނަ ދުވަހު ރައީސް ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް، ފްލެޓް ލިބުނު ފަރާތްތަކުން ކުރި ހަރަދުން 200،000ރ. އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރައްވާފަ އެވެ.
މީގެ އިތުރުން ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރެއްވި އެވެ. އެގޮތުން ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރައްވައި އޭރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށް ކުޑަ ކުރެއްވި އެވެ.
ހިޔާ ފްލެޓްތައް ހަދަން ހޭދަކުރި ފައިސާ އަނބުރާ ދިނުމާއި އެހެން ފްލެޓްތަކުގެ އަގު ކުޑަކޮށް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.








