"އަމީނިއްޔާ"ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ "އަމީނިއްޔާ"ގެ ނަމުގައި ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ ލިންކެއް ހިމެނޭ މެސެޖެއް ގިނަ ބަޔަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކަސްޓަމުން އެ އޯޑަރު ދޫކުރުމަށް ފައިސާ ދެއްކުމަށް ވެސް އެ މެސެޖުގައިވެ އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ އެ މެސެޖުގައިވާ ލިންކަކީ ބޭންކު ކާޑުގެ މައުލޫމާތު ވަގުންނަށް ހޯދަން ފުރުސަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ލިންކެއް ކަމަށެވެ. އަދި އެފަދަ ލިންކުތަކަށް ފިއްތާނުލައި، އެ މެސެޖު ޑިލީޓްކޮށްލުމަށް ވެސް ވަނީ އެދިފަ އެވެ.
މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ޕޯސްޓު އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ މެސެޖުގައިވާ ގޮތުން، "ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެ"އެވެ.
ރީލްގައިވާ މެސެޖުގެ ސްކްރީންޝޮޓުގައި ފެންނަ ލިންކަށް ފިތާލުމުން ބޭންކު ކާޑުގެ މައުލޫމާތު ވަގުންނަށް ލިބޭ ކަމަށް، ފުލުހުން ބުންޏެވެ.
އެހެންވެ، މެސެޖުގައިވާ ލިންކަށް ފިތާނުލުމުށާއި، މެސެޖު ލިބޭއިރަށް ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.








