ހާއްސައެހީއަށް ބޭނުންވާ ހަތަރު ފަރާތަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވަޒީފާދީފިއެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އާރްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމާލާ، ޕްރޮގްރާމް ފުރިހަމަ ކުރި ހަތަރު ބައިވެރިންނަށް އާރްޑީސީއިން ދާއިމީ ވަޒީފާގެ ފުރުސަތު ހަމަޖެހިފަައިވާ ކަމަށެވެ.
އެގޮތުން، ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ އެ ޕްރޮގްރާމުގެ މަގްސަދަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައްފަހިކުރުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެ އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައި ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.
އެކަމަށް ހާއްސަ އަހައްމިޔަތުކަމެއް ދީގެން އެ ވުޒާރާއިން ދަނީ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން، އެ ވުޒާރާއާއިން ދަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާއެކުވެސް މަސައްކަތްކުރަމުން ކަމަށާއި ހަމައެހެންމެ، ކެއާ ސޮސައިޓީއާއި އެ ވުޒާރާއާއި ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވޭ 'ޖޮބް ރެޑިނަސް' ޕްރޮގްރާމުގެ ދަށުން ދެ ބެޗެއް މިހާތަނަށް ވަނީ ތަމްރީނުކުރެވިފައި ކަމަށް ވިދާޅުވިއެވެ.








