ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ، ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު ވިދާޅުވީ ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފަލާހު ވިދާޅުވީ، މި ޕްރައިމަރީ އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ ކަމަށާއި، މި ޕްރައިމަރީއަށް ޕާޓީގެ މެމްބަރުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. ޕީއެންސީގައި މިހާރު ޖުމުލަ 69،000 މެމްބަރުން އެބަތިއްބެވެ. ޕާޓީގެ މެމްބަރަކަށް ނުވިޔަސް، ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ޕާޓީއާ ގުޅިގެން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ފަލާހު ވަނީ ހާމަކުރައްވާފައެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޑިސެމްބަރު 1 އިން 15 އަށް ހުޅުވާލުމަށްފަހު، ވޯޓުލުން އޮންނާނީ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.
ޕާޓީގެ ޕީޖީ ލީޑަރުގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރުގެ މަގާމު ވެސް ފަލާހު ފުރާނެ ކަމަށް ޕާޓީން ވަނީ ހާމަކޮށްފައެވެ.








