"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މީގެތެރޭގައި ދިވެހި ރުފިޔާއާއި ޑޮލަރުން ލިބުނު އަދަދު ހިމެނެއެވެ.
ސިލޯނާއިއެކު ދިވެހިން މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ. މި ޓެލެތޯންއަށް އެކު ޖުމްލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައެވެ.
މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ 'ކްރޯ މޯލްޑިވްސް' އެވެ.
"ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ އެކިއެކު މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވެސް އެހީ ދީފައިވެ އެވެ.
މި ޓެލެތޯނަށް އެންމެ ބޮޑު އެހީއެއް ދިނީ ފުލުހުންގެ ފަރާތުންނެވެ. އެއީ2.4 މިލިޔަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ސިފައިންނެވެ.ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.
ސަރުކާރުން ވަނީ ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ވެސް ހަދިޔާ ކުރަން ނިންމައިފަ އެވެ.








