އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ދިވެހިން އަތުން ނަގާ ފީއަށް ބަދަލެއް ނާންނަކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވި ބިލުގައި ބަޔާންކޮށްފައިވާ 24 ޑޮލަރަކީ މީގެ ކުރިންވެސް ނަގަމުން އައިސްފައިވާ ފީއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން އިތުރު ފީތަކެއް ނަގަން ހިމަނައި މަޖިލީހުން ފާސްކުރި ބިލު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ދިވެހިން އަތުން 24 ޑޮލަރު ނަގާކަމަށް އިއްޔެ އަޑު ފެތުރުނެވެ. މިއާއެކު ގިނަ ބަޔަކަށް ހީކުރެވިފައި އޮތީ މިހާރު ނަގާ ފީގެ އިތުރުން އިތުރު 24 ޑޮލަރު ޓިކެޓަށް އިތުރުވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އިތުރަށް މައުލުމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން އަތުން ނަގާ 24 ޑޮލަކީ ކުރީއްސުރެއް ނަގަމުން އައިސްފައިވާ ފީއެއް ކަމަށާއި އެއަށް ބަދަލު ނާންނާނެ ކަމަށެވެ. އެހެންނަމަވެސް އަލަށް ތަސްދީގު ކުރި ބިލާއިއެކު ބިޒްނަސް ކްލާހާއި ޕްރައިވެޓު ޖެޓުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން އިތުރު ފީތަކެއް ނަގަން ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. މީގެ އިތުރުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުންވެސް އިތުރު ފީއެއް ނަގާނެ އެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި މިހާރު ނަގަމުންދާ ރޭޓްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ގޮތަށް ބަލާލާއިރު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީން އަތުން އިތުރު 10 ޑޮލަރު ނަގާނެ އެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިން އަތުން އިތުރު 96 ޑޮލަރު ނަގާނެ އެވެ. ކުރިން ނަގަމުން އައީ 24 ޑޮލަރެވެ. ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ބިދޭސީން އަތުން ނަގާނީ އިތުރު 70 ޑޮލަރެވެ. މިއާއެކު ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން ނަގާ ޖުމްލަ ފީ ވަނީ އެއް ހަމައަކަށް ގެނަސްފަ އެވެ.
މީގެ އިތުރުން ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހިން އަތުން އިތުރު 156 ޑޮލަރު ނަގާނެ އެވެ. ކުރިން ނަގަމުން އައީ 24 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ބިދޭސީން އަތުން އިތުރު 130 ޑޮލަރު ނަގާނެ އެވެ. މިއާއެކު މި ފީވެސް ދިވެހިންނާއި ބިދޭސީން ވަނީ ހަމަހަމަ ކޮށްފަ އެވެ.
ޕްރައިވެޓު ޖެޓުގައި ދަތުރު ކުރާ ދިވެހިންއަތުން ދެން ނަގާނީ 240 ޑޮލަރެވެ. ކުރިން ނަގަމުން އައީ 24 ޑޮލަރެވެ. ބިދޭސީން އަތުންވެސް ދެން ނަގާނީ 240 ޑޮލަރެވެ. ކުރިން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ބިދޭސީން އަތުން ނަގަމުން އައީ 50 ޑޮލަރެވެ.
ފީތައް ބޮޑުކުރި ނަމަވެސް ދެ އަހަރު ނުވާ ކުޑަކުދިންނާއި ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރަތްތަކުގެ އަތުން ނަގާ ފީއަށް ބަދަލެއް ނާންނާނެ އެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ އޮންނަނީ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށެވެ.
މި ފީތައް ނަގަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަލަށް ފީތަކެއް ނަގަން ހިމެނީ އެއާޕީޓު ތަރައްގީ ކުރުމުގެ ނަމުގަ އެވެ.