މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވި ނޭޕާލްމީހާގެ ގަބުރު ކޮނެގެން އޭނާގެ ބަނޑުން 78ބްލެޓުގެ މަސްތުވާތަކެތި ނަގައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދާދި ދެންމެ މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ މަރުވި ނޭޕާލުމީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށާއި ނަމަވެސް އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުމުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ފެނިފައިވާ ކަމަށެވެ. އެހެންވެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިން މިމަހުގެ ދެވަނަ ދުވަހު ޑޮކްޓަރެެއްގެ ލަފާގެ މަތިން ނަގާފައިވާ ކަމަށެވެ.
އޭނާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ޚިދުމަތްދޭ ތަނެެއްގައި ކޮށްފައި ނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރުމަށްވުރެ ހަށިގަނޑު ކުނިވެފައިވާތީކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަނޑުން 78 ބްލެޓް ނަގާފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 818 ގްރާމް ހުރި ކަމަށެވެ.
އަދި އެމައްސަލައިގެ މައުލޫމާތު ހާމަ ކޮށްފައިނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށާއި އެމައްސަލަައިގެ ބާވަތުން އެމައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި އެކަމާ ގުޅުންހުރި އިތުރު މީހުން ދެނެގަތުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މަރުވި މީހާ މާލެ އައީ އިތުރު ދެމީހަކާއެކކީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެތިން މީހުން ކ. މާފުށީގައި އުޅުމަށްފަހު ނޮވެމްބަރު 28 ވަނަ ދުވަހު މާލެ އައި ކަމަށާއި މަރުވި މީހާ ނޫން އަނެއް ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.








