މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށް، އެތަންތަނުން ހަތަރު ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި ރޭގެ ވަގުތެއްގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
"ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވަނީ އަޅާފައި،" އިމިގްރޭޝަނުން ބުންޏެވެ.
މަސާޖު ޕާލާތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް ހަށިވިއްކާ ތަންތަން ހިންގަމުންދާ އިރު، އިމިގްރޭޝަނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިޔަށްގެންދާ އޮޕަރޭޝަންތަކުގައި އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ޑީޕޯޓުކޮށްފައިވެއެވެ.








