ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ.
ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަނީ ދައުވަތު ދެއްވާފަ އެވެ.
ދާދިފަހުން ރައީސް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޯޅީގައި އަދި ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.








