މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށާއި ކިޔަވައިދޭ ލެކްޗަރާއިންނަށް ޚާއްސަކޮށް، "ދިރާސާކުރާނެ ފަސޭހަ ގޮތްތައް"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު ފަޔާޒު ޙަސަން ލިޔުއްވި މި ފޮތް ނެރެދެއްވީ އެ ކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި ފަޔާޒާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. ޢަލީ ނަޖީބެވެ.
ވިލާ ކޮލެޖުން ބުނީ، ތޭރަ ބައިގެ މައްޗަށް އެކުލެވޭ، 208 ސަފުހާގެ މި ފޮތުގައި, ދިރާސާކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމެއް ހިމަނާފައިވާނެ ކަމަށެވެ.
މި ފޮތް އަމާޒުކޮށްފައިވަނީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށާއި، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިންނަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނީ، މި ފޮތް އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ކަމަށެވެ.
ދިރާސާކުރާ މީހުންނަށް މި ފޮތް ވާނީ މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި ސިފަކޮށް ވިލާ ކޮލެޖުން މައުލޫމާތުދޭ ގޮތުގައި، މި ފޮތް 175 ރުފިޔާއަށް އެ ކޮލެޖުން ގަންނަން ލިބޭނެއެވެ.








