ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި ހުސައިންގެ ޝިފާއުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ 7 ދައުވާވެސް ސާބިތުވެއްޖެއެވެ.
ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި 23 ދައުވާއާއެކު ޕީޖީން ވަނީ، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ނަގައިފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ. އެ ދައުވާތަކުގެ ތެރެއިން 16 ދައުވާއެއް ކުރިން ވަނީ ސާބިތުވެފައެވެ. މިއަދު ސާބިތުވީ، މަނީ ލޯންޑްރިންގެ މައްސަލަތެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޝިފާއުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން އެދުނީ ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަށް ފަސްކުރުމަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝިފާއު އެދުމުން ގާޒީ ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައެވެ.
މި މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރިއެވެ.
ޝިފާއުއަކީ، މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަން ކުރި މީހެކެވެ. އެކަމަކު އޭނާވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ.








