އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަކީ އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތްކުރައްވައި، ފެބްރުއަރީ 9، 2012 ގައި ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.
މިއަދުޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ، ޕާޓީގެ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި، މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލެެއްވީ އެންމެ ބޭފުޅެއްކަމަށެވެ.
އަދި އެއީ ސޯޝަލް މީޑިއާގައި މިހާރު ވާހަކަ ދެކެވެމުން އަންނަ ބޭފުޅާ ކަމަށް ފަލާހު ވިދާޅުވިއެވެ. ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ހުށަހެޅި ފަރާތުގެ ނަން ފަލާހު ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އެއީ މޫސާ އަލީ ޖަލީލެވެ. މޫސާ އަލީ ޖަލީލު ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާކަން މިދިޔަ ދެދުވަހު ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއިން ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕާޓީން ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށެވެ.








