އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ މަގާމަށް ކުރިމަލެވޭނީ އަދާލަތު ޕާޓީގެ ދަފުތަރުގައި އިއްޔެއާ ހަމައަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އަންނަ މަހު އަށެއްގެ 16:00ގެ ކުރިން، އޮންލައިން ފޯމެއް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް އެ ޕާޓީން ވަނީ، ކަނޑައަޅާފައެވެ. މިގޮތުން:
- މުސްލިމަކު ކަމުގައިވުން.
- ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.
- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.
- ޕާޓީގެ މެންބަރެއް ކަމުގައިވުން.
- މީލާދީ ސަނަތުން 30 އަހަރު ފުރިފައިވާ މީހަކަށްވުން
- ދީނުގައި ޙައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
- ޚިޔާނަތުގެ މައްސަލައެއް ނުވަތަ ބަދުއަޚުލާގީ މައްސަލައެއް ޝަރީޢަތުން ސާބިތުވެފައިވާ މީހަކަށް ނުވުން
- ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކަށްވުން
- ސަނަދުގެ ފެންވަރު ބަލާ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ގަބޫލުކުރާ ޔުނިވާސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށް، މަދުވެގެން ތިން އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން
އެ އިންތިޚާބު އޮންނާނީ، އަންނަ މަހު 31ގައި ކަމަށްވާއިރު، އިންތިޚާބުގައި ވޯޓު ލެވޭނީ ވެސް އިއްޔެއާ ހަމައަށް އާދަލަތު ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
މި ވޯޓު ނެގިގެންދާނީ އިލެކްޓްރޯނިކް ވޯޓިންގް މެދުވެރިކޮށެވެ. އަދި މި އިންތިޚާބުގައި ވޯޓުލެވޭނީ ޕާޓީގެ ދަފްތަރުގައި، 28 ޑިސެންބަރު 2025 އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ.
މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 8 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ، 16:00 ގެ ކުރިން މިކަމަށްޓަކައި ޙާއްސަކުރެވިފައިވާ ފޯމާއިއެކު އަންނަނިވި ލިޔުންތައް [email protected] އަށް ހުށަހަޅަން ވާނެއެވެ.








