މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުހައްމަދު އަލީ (39އ) އާއި ރ. ދުވާފަރު / އުޖާލާއަލި، އިސްމާއީލް ޝައުފާން އަލީ (28އ) އާއި ގއ. ގެމަނަފުށި / ނިއުލައިޓް، ނަޒީހު ހިލްމީ (32އ) އެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންްގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއިލް ޝައުފާން އަލީ (28އ) ފަސް ދުވަހަށް ބަންދުކުރުމަށް އަދި ދެންތިބި ދެ މީހުން ވެސް 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.








