ރަޖިސްޓްރީކޮށްގެންގެން ހިންގަމުން އަންނަ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން ދިނުމަށް ނިންމި މާލީ އެހީތެރިކަން 41 މީޑިއާއަކަށް ލިބިއްޖެ އެވެ.
ބްރޮޑްކާސްޓިންގ ކޮމިޝަނުން ދެންމެ ނެރުނު ބަޔާނުގައި ބުނެފައިވަނީ 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓް ކުރިނަމަވެސް ޝަރުތު ހަމަވީ 41 މީޑިއާއަށް ކަމަށެވެ.
އެކޮމިޝަނުން ބުނީ އެހީއަށް އެދި ހުށައެޅުމުގެ ސުންގަޑިހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން 8 ޝަކުވާ ހުށައެޅި ކަމަށާއި އޭގެތެރެއިން ރިވިއު ކޮމެޓީއިން ބަލައި ދިރާސާ ކުރުމަށްފަހު 3 ޝަކުވާ ބަލައިގެންފައިވާކަމަށެވެ.
މީޑިއާތަކަށް ދޭ މާލީ އެހީ އަށް ހުޅުވާލާފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ވެސް އެކުލަވާލައި ދާދި ފަހުން އާންމުކޮށްފައިވެ އެވެ.
އެގޮތުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާ ކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ. އެއީ 27.9 މިލިއަން ރުފިޔާ އެވެ.








