މަސާޖު ޕާލާތައް ބަންދުކުރުމަށް މިމަހުގެ 9 އިން ފެށި އޮޕަރޭޝަންގައި 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދުކުރުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާންމު ރައްޔިތުންނާއި ހުރިހާ އެންމެންގެ ނިޔަތާއި ޢަމަލާއި ޚިޔާލު އެ ފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"މުޖުތަމައަން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތައުގެ ޙާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.








