ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އާދިއްތަ ދުވަހު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 78,653,152.46 ރުފިޔާގެ އަގަށް 450 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ނަޑެއްލާގެ އައު އަދި ކުރީގެ ބަނދަރާއި ނެރު ފުން ކުރުން، 277.7 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން، 366.7 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 188 މީޓަރު ގްރޮއިން ޖެހުން، 534މީޓަރު އެލް-ބްލޮކް އެއްގަމުތޮށި ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، ރޭމްޕް އެޅުން އަދި ޕޭވްމަންޓް އަޅައި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.








