ދެކުނު އޭޝިޔާގެ ގަައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މާލެ ސިޓީގައި މަޑު ކުރެވޭ ގޮތަށް އުސޫލު އާންމުކޮށްފި އެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލުމަށް ނިންމާފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކަށް އެ ފަތުރުވެރިންނަށް ނޭރޭނެ އެވެ. އެހެންނަމަވެސް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި ފަތުރުވެރިންނަށް ތިބެވޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.
މީހުން ދިރިއުޅޭ އެހެން ރަށްތަކަށް ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް އެރޭނީ އެކަމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވައިލުމަށްފަހު އެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހު އެ އުސޫލު އާންމު ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރާތް ނުކުރެވޭ ގޮތަށް ނިންމީ މިދިޔަ މެއި މަހު އެވެ. އެއީ އިންޑިއާގައި އުފެދުނު ކޮވިޑުގެ ޑެލްޓާ ވޭރިއެންޓުގެ ނުރައްކާ މި ސަރަހައްދުގެ ގައުމުތަކަށް އޮތުމުންނެވެ.
އެހެންނަމަވެސް ކޮވިޑުގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ރަނގަޅުވެ، ވެކްސިން ދިނުންވެސް އަލުން ފެށިފައިވާތީ ސައުތު އޭޝިޔާގެ ގައުމުތަކަށް ބޯޑަރު އަލުން ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައިވެސް އިންޑިއާގެ ޑެލްޓާ ވޭރިއެންޓު ފެތުރެމުން ދެއެވެ. އެހެންނަމަވެސް މިހާރު ބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ.