ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމްސީލްކުރުމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު އިންތިޚާބުކޮށްފިއެވެ.
ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައިވާ ގޮތުން، ޖޭއެސްސީ އަށް 10 މެންބަރަކު ޢައްޔަންކުރަން ޖެހޭނެއެވެ. އެގޮތުން، ޖޭއެސްސީ އެކުލެވިގެންވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ މައްޗަށެވެ.
ފަނޑިޔާރު ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެއީ ފެމިލީ ކޯޓުގެ ގާޟީކަމަށެވެ. އެއަށްފަހު، ސިވިލް ކޯޓުގައިވެސް ފަނޑިޔާރު ޝަފީޢު ވަނީ މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން، ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި އަލްއުސްތާޛު ޙަސަން ޝަފީޢު މި ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން، ޤާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ފަނޑިޔާރު ޝަފީޢު ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަންކުރެވުނީ، 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ފަނޑިޔާރު ޝަފީޢު ހިމެނިވަޑައިގެންނެވިއެވެ.
ޤާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން، ބެޗްލަރ އޮފް ލޯ(އެލްއެލްބީ) ޙާސިލްކުރެއްވި ފަނޑިޔާރު ޝަފީޢު ވަނީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރެޓިވް ލޯ ޙާސިލްކުރައްވާފައެވެ.








