މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ 5 ގައި ބާއްވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނިންމަވާފައިވާ ކަމަށެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިއީ ރައީސް ވެރިކަމާ ހަވާލު ވެވަޑައިގެންނެވި ފަހުން ދެއްވާ ތިން ވަނަ ރިޔާސީ ބަޔާނެވެ.








