ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމާއި، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ހިންގި ޚާއްސަ ހަރަކާތެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ.އެކަމަކު، ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
މި އޮޕަރޭޝަނަކީ ޚާއްސަކޮށް ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މަސައްކަތުގެ ތެރެއިން ކުށުގެ ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.








