ކީރިތި ރަސޫލާގެ ސީރަތަކީ މުސްލިމުން އޭގެއިން ގިނަގުނަ ޢިބުރަތްތަކެއް ލިބިގަންނަންޖެހޭ ފިލާވަޅުތަކަކުން ފުރިގެންވާ ސީރަތެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް" މިއެވެ.
މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވައި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މާތްﷲ އެކަލާނގެ ރަސޫލާ މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤްޞާއަށް ގެންދަވައި، އެތަނުން ސިދްރަތުލް މުންތަހާއަށް ގެންދެވި ކަމަށެވެ. އަދި އެތަނުން މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް އެކަލޭގެފާނަށް ދެއްކެވިއެވެ.
ޙާދިސާއިން ލިބިގެންދިޔަ އެންމެ ބޮޑު ހަދިޔާއަކީ ފަސް ނަމާދެވެ. އެހެން ހުރިހާ އަޅުކަމެއް ޖިބްރީލްގެފާނު މެދުވެރިކޮށް ބާވައިލެއްވުނު ނަމަވެސް، ނަމާދު ފަރުޟު ކުރެއްވީ އެއްވެސް މެދުވެރިޔަކާ ނުލައި ސީދާ މާތްﷲ، އެކަލާނގެ ރަސޫލާއާ މުޚާޠަބު ކުރައްވައެވެ. މިއިން ދޭހަވަނީ މުއުމިނާ އާއި މާތްﷲ އާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަމެވެ.
އެހެންކަމުން، މި މަތިވެރި އަޅުކަން އޭގެ ވަގުތުގައި، ޚުޝޫޢަތްތެރިކަމާއެކު އަދާކުރުމަށް ވަނީ ޚުޠުބާގައި ނަސޭހަތްތެރިވެފައެވެ. ކާމިޔާބު ލިބިގެންވާ މީހުންނަކީ ނަމާދުގައި މަޑުމޮޅިވެ ޚުޝޫޢަތްތެރިވާ މީހުންކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަނީ ހާމަކޮށްދީފައެވެ.
ޚުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން ޢިބުރަތް ލިބިގަނެ، ހިތްތައް ޠާހިރުކޮށް، އީމާންކަން ވަރުގަދަކުރުމަށެވެ.








