އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިރޭ 8 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ.
ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތައް އެމްޑީޕީން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެ އެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި އެ ޕާޓީން ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވާނީ ދެ ސިޓީއެއްގަ އެވެ. އެއީ މާލެ ސިޓީ އާއި ތިނަދޫގަ އެވެ. އެއިން ކޮންމެ ސިޓީއަކަށް ވެސް ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގައެވެ. އެގޮތުން 18 ވޯޓު ފޮށްޓެއް ހަމައެކަނި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި އެބަހުއްޓެވެ.








