ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބޫޓާން ބަލިކޮށް ރާއްޖެއިން ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ ފުޓްސަލްގެ ތާރީހުގައި ރާއްޖޭގެ ޓީމް ހޯދި ފުރަތަމަ ބައިނަލްއަޤްވާމީ ޓްރޮފީއެވެ.
ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އެއް މެޗު ބާކީ އޮއްވައެވެ. އެއީ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކު އެވެ.
ބޫޓާން މެޗާ ކުރިމަތިލިއިރު ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވީ ބާކީ ދެ ޕޮއިންޓެވެ. މި މެޗު ކާމިޔާބުކުރުމާއެކު ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެއަށް އެއްވަނަ މަގާމު ލިބޭއިރު، އެހެން ޓީމުތައް ތިބީ ރޭންކިންގައި ރާއްޖެއާ އަރާ ހަމަކުރެވޭ ވަަރަށްވުރެ ފަހަތުގައެވެ.
މެޗުން ރާއްޖެ މޮޅުވުމުން ޓީމަށް ރައީސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއްކަމަށެވެ.








