ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާ ބްރާންޗް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލް އިން ބުނީ އަލަށް ބިނާކުރި މި ބްރާންޗް ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރެވުގެންދާނެ ކަމަށާއި، މީގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިންގް ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.
"މި ޕޭޕަރލެސް ބްރާންޗުން ޚިދުމަތްތައް ދޭނީ ޑިޖިޓަލްކޮށް. މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކިންގް ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމާއި ހަލުވިކަން ލިބިގެންދާނެ. މި ބްރާންޗުގެ ސަބަބުން މި ސަރަހައްދުގެ އާންމު ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ"، ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބޭންކުން ބުނެއެވެ.








