އަދާލަތު ޕާޓީގެ ރައީސްކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިޚް މުޙައްމަދު ޝިފާން، އަދި ނައިބު ރައީސްކަމަށް ޝައިޚް ޢަބްދުالله ރަޝީދު, 99 ޕަސެންޓު ވޯޓާއެކު އިންތިޚާބުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން، އެ ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަކަށްފަހު މިއަދު ހެނދުނު ވޯޓުލުން ފަށާފައިވަނީ ހެނދުނު 09:00 އިން މިރޭ 8 ޖެހުމާއި ހަމައަށެވެ.
އަދާލަތު ޕާޓީން އާންމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، ޝިފާނާއި ރަޝީދު އިންތިޚާބު ކާމިޔާބުކުރެއްވީ އިންތިޚާބުގައި ވޯޓުލީ މެންބަރުންގެ 99 ޕަސެންޓު ލިބިގެންނެވެ. ޝިފާނާއި ރަޝީދާ ވާދަކުރެއްވި ޑރ. އިކްރާމް ޢަބްދުއްސައްތާރާއި ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި މުޙައްމަދު މުއްޠަލިބަށް ލިބުނީ އެންމެ ޕަސެންޓެކެވެ.
ޑރ. އިކްރާމް އަބްދުއްސައްތާރު ވަނީ ވޯޓު ފޮށި ބަހައްޓައިގެން އިންތިޚާބު ބޭއްވުމަށް އެދިވަޑައިގެން މިމަހުގެ 11 ވަނަ ދުވަހު ސިޓީއެއްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ގަވާއިދު ތަންނުދޭކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މިކަމާ ގުޅިގެން ޑރ. އިކްރާމް ވަނީ އިންތިޚާބުގެ ކަންކަން ދަނީ އިންސާފުވެރިކޮށް ނޫންކަމަށް ވިދާޅުވެ، އިންތިޚާބު ބޮއިކޮޓް ކުރައްވައި ކެންޑިޑޭޓުންގެ ލިސްޓުން ނަން ނަންގަވާފައެވެ.
ޑރ. އިކްރާމް ނެރުއްވި ބަޔާނުގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ވޯޓު ފޮށި ބަހައްޓައިގެން މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު މެންބަރުންނަށް ހޯދައިދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް ޕާޓީން ވަނީ އެ ފުރުސަތު ނުދިނުމަށް ނިންމާފައެވެ. އެހެންކަމުން އިންތިޚާބުގެ ކަންކަން ހިނގަމުންދަނީ ދެފުށްފެންނަ އަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.








