މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / އާރާދަނާ، އަޞްޢަދު ޢަލީ (35އ) އެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓައި ކަމަށެވެ.
މިގޮތުން މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާމެދު ތުހުމަތުކުރެވިގެން ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމު ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.








