“މޯލްޑިވްސް މެރިން އެކްސްޕޯ 2026” ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ފެބުރުވަރީ މަހުގެ 5 އިން 8 އަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ.
ފުލުހުން ވަނީ މި އެކްސްޕޯގައި މެރިން ޕޮލިހުން ސްޓޯލެއް ގާއިމުކޮށް، ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން މެރިން ޕޮލިހުގެ މަސައްކަތްތަކާއި، ބޭނުންކުރާ އާލާތްތަކާއި، މެރިން ޕޮލިހުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމާއި ކަނޑު ދަތުރުފަތުރާއި މެރިން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެއްތަނަކުން ބައްދަލުވެ އައު ކަސްޓަމަރުންނާއި ޕާޓްނަރުން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އައު އުފެއްދުންތައް ތައާރަފުކުރުމާއި އެންމެ ފަހުގެ އުޅަނދުފަހަރާއި، މެރިން އިންޖީނު އަދި ޒަމާނީ ޓެކްނޮލޮޖީ އާންމުންނަށާއި ވިޔަފާރިވެރިންނަށް ދައްކައިލުމަށް ބާއްވާ އެކްސްޕޯއެކެވެ.
އަދި ނެޓްވޯކްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މެރިން ދާއިރާގެ ތަޖުރިބާކާރުން އެއްވެ، މައުލޫމާތާއި ހިޔާލު ބަދަލުކުރުމަށް މަގުފަހިކުރުމާއި ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ އިގުތިސާދުގެ މުހިންމު ބައެއް ކަމުގައިވާ ކަނޑުގެ ސިނާއަތް އިތުރަށް ފުޅާކޮށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މޫދު ކުޅިވަރާއި، ޑައިވިންގ އަދި ކަނޑާ ގުޅުން ހުރި އެކި ދާއިރާތަކަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމަކީވެސް މި އެކްސްޕޯގެ މަޤުޞަދެކެވެ.
މި އެކްސްޕޯގައި ބައިވެރިވެފައިވަނީ ކަނޑާ ގުޅުން ހުރި ތަފާތު ސިނާއަތްތަކުންނެވެ. އޭގެތެރޭގައި އޮޑިދޯނިފަހަރު ބަނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ބޯޓު ބިލްޑަރުން ހިމެނެެވެ.








