މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ހަނދު ސާބިތު ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއަށްފަހު އިއްވި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖެއާއި އިސްލާމީ އެހެން ބައެއް ގައުމުތަކަށް ހަނދު ފެންމަތީގައި ހުންނާނެކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެއެވެ. އަދި ބައެއް އިސްލާމީ ގައުމުތަކަށް ރޯދަމަހުގެ ހަނދު ފެނިފައިވާކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާތީ، ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ޢަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމުގައި ވަނީ ހަމަޖައްސާފައެވެ.
ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.








