ރާއްޖޭގެ ޖަލުތަކުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، މި އަހަރުގެ ރޯދަ މަހު ޖަލުތަކުގައި ރަސްމީކޮށް ޖަމާއަތުގައި ތަރާވީސް ނަމާދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނިންމައިފި އެވެ.
ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި މި އިންތިޒާމު ހަމަޖައްސާފައިވަނީ މާފުށީ ޖަލާއި އައްސޭރި ޖަލުގަ އެވެ. މިގޮތުން ޖަމާއަތުގައި ތަރާވީސް ނަމާދު ކުރުމަށްޓަކައި އެކަމަށް ހާއްސަ ހާފިޒުން ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ރޯދަ މަހުގެ އަޅުކަންތައް ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.
ތަރާވީސް ނަމާދުގެ އިތުރުން، ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކުށުގެ ތުހުމަތުގައި ބަންދުގައި ތިބި މީހުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ވެސް މި ރޯދަ މަހު ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ. މި ޕްރޮގްރާމްގެ ދަށުން، ރޯދަ މަހަށް މަރުހަބާ ކިޔުމާއި ރޯދައިގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން އިއްޔެ ވެސް ވަނީ ޖަލުތަކުގައި ދީނީ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފަ އެވެ.
ޖަލުތަކުގައި ތިބޭ ފަރާތްތަކަކީ އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ތިބޭ، ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަރެކްޝަންސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ރޯދަ މަހު ކުރިއަށް ގެންދާ ހަރަކާތްތަކަކީ ވެސް ގައިދީން އިސްލާހުކޮށް، މުޖުތަމައުއަށް ނުކުންނައިރު ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކަންކަމެވެ.








