ހުޅުމާލޭގެ މިސްކިއްތައް ކައިރީ ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ވަނީ ހުޅުމާލޭ މިސްކިތްތައް ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަށް ނަގަން އިލްތިމާސްކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ.
އެ ޕޯސްޓުގައި ފުލުހުން ވަނީ، ހުޅުމާޅޭގެ މިސްކިތްތަކަށް ދާ ފަރާތްތަކަށް މިސްކިތް ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމާއި، ނަމާދަށްދާ ފަރާތްތަކަށް ފަސޭހައިން ޕާކުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން، މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް އެދިފައެވެ.
އާންމުކޮށް މިސްކިތްތަކުގެ ކައިރީގައި އޮންނަ ހުސް ޖާގަތަކުގައި ގިނަ އަދަދެއްގެ ކާރާއި ސައިކަލް ޕާކުކޮށްފައި ހުރެއެވެ. މީގެ ތެރޭގައި ދުއްވުމަށް ބޭނުން ނުކުރާ، ގިނަ ދުވަސްވީ ބާ އުޅަނދުތައް ހިމެނޭކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ނަމާދު ގަޑިތަކުގައި މިސްކިތަށް އަރާ މީހުންނަށް ޕާކުކުރާނެ ޖާގަ ނުލިބުމުގެ ދަތިކަން ކުރިމަތިވެއެވެ.








