ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ދެކޮޅު ހެދުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ ގަރާރެއް ފާސްކޮށްފިއެވެ. މި ގަރާރު ފާސްކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް މަޖިލީހަށް ބިލު ހުށަހެޅިއިރު، ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި ރައްޔިތުންގެ ބަސް ހޯދުމަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ހާމަވާ ކަމެއް ކަމަށް އެމްޑީޕީގެ ގަރާރުގައިވެއެވެ. މިކަމަކީ އެއްވެސް ހަރުދަނާ ސިޔާސަތެއް ނުވަތަ ސީދާ މަގްސަދެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށްވެސް މީކާއިލްގެ ގަރާރުގައި ތުހުމަތު ކުރައްވާފައިވެއެވެ.
އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެއްކޮށް ނެގުމަށް ސަރުކާރުން އަމާޒު ހިފާފައިވީ ނަމަވެސް، އެއީ މިފަދަ މުހިންމު ކަމެއްގައި ރައްޔިތުން ހޭލުންތެރިކުރުވައި ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށްވެސް އެމްޑީޕީން ބުނެއެވެ.








