ރާއްޖޭގެ 11 ރަށެއްގައި ލެބޯޓްރީ ގާއިމްކޮށް ހިދުމަތްދޭން ފަށައިފިއެވެ.
ސިއްހީ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ލެބޯރެޓަރީ ނެތް 76 ރަށެއްގައި ލެބޯރެޓަރީ ގާއިމުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 18 ގެ ނިޔަލަށް 11 ރަށެއްގައި ލެބޯރަޓަރީ ގާއިމުކުރެވި ހިދުމަތް ދޭން ވަނީ ފަށާފައި ކަމަށެވެ.
ރާއްޖޭގެ 76 ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ލެބޯޓްރީ ހިދުމަތް ދިނުމުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެންމެ ފަހުން ލެބޯޓްރީ ހުޅުވާފައިވަނީ ނ. މާފަރު، ނ. މިލަދޫ އަދި ނ. މާޅެންދޫގައެވެ.
ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީއެއް ގާއިމް ކުރުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެ މަގުފަހިކުރުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ހެދީ އެ 76 ރަށުގައި ޕޮއިންޓް އޮފް ކެއާގެ އުސޫލުން ނަމަވެސް ވީހާވެސް އަވަހަކަށް ހިދުމަތް ފަށައިގަތުން ކަމަށެވެ.








