ސްޓްރޯކެއް ޖެހިގެން ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު މުހައްމަދު ނިމާލް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
ނިމާލް ނިޔާވެފައިވަނީ މިއަދު ހެނދުނު ވަގުތެއްގައެވެ. ނިމާލަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ދިވެހި ފިލްމީ ދާއިރާގައި ފަވައިލެވޭނެ އެތައް މަސައްކަތްތަކެއް ކޮށްދެއްވި ނިމާލް، މި ދާއިރާއަށް ނުކުތީ 1984 ވަނަ އަހަރު އީސާ ޝަރީފްގެ "ނުފޫޒު" އިން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ނިމާލް ލިޔެ، ޑައިރެކްޓްކޮށް އަދި އެކްޓްކުރި ފިލްމު "ސިޓީ" އަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި، ތާރީޚީ ފިލްމެކެވެ. މީގެ އިތުރުން "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ ކާމިޔާބު ފިލްމުތަކަކީ ނިމާލްގެ ހުނަރު ފެނިގެންދިޔަ ފާހަގަކޮށްލެވޭ އުފެއްދުންތަކެވެ.
ފިލްމީ ދާއިރާއަށް ނިމާލް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް އަރުވާފައެވެ.








